ޅ. ހިންނަވަރުގެ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާރްސީސީއާއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ. މި ރަސްމިއްޔާތުގައި ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެރަށު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ.
މި މަސައްކަތަކީ ކައުންސިލްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ސަރުކާރުން މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އެޅުމަށް ނިންމާފައިވާއިރު، މީގެތެރެއިން ވަރަށް ގިނަ ރަށްތަކެއްގައި ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.



