ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ޅ. ހިންނަވަރުގައި ތަރައްޤީކުރުމުގެ މަސައްކަތް، ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެފަރާތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެގޮތުން، މި އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަސްއެއް ހިންނަވަރުގައި ޤާއިމުކުރެވިގެން ދިއުމަކީ ތައުލީމީ ދާއިރާއިން ރަށަށް އަދި ޅ. އަތޮޅަށް ބޮޑެތި ފައިދާތަކެއް ކުރާނޭ ކެމެކެވެ.



