ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނައިފަރަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ސެންޓަރަށް ޒިޔާރަތް ކުރައްވައިފިއެވެ.
ނައިފަރުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުންއަންނަ ބްލިސް ކެއަރ ކްލިނިކަށް ޒިޔާރަތްކުރައްވައި، ރައީސް ވަނީ އެތަނުގައި އެކި ކަހަލަ ފަރުވާ ހޯދަމުންދާ ކުދިންނާ ބައްދަލުކުރައްވައި، އެކުދިންނާއެކު ވަގުތުކޮޅެެއް ހޭދަކުރައްވާފައެވެ.
ރައީސް މި ޒިޔާރަތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެ ކްލިނިކުގައި ދެމުންގެންދާ ފަރުވާގެ ތަފްސީލް މަޢުލޫމާތު ހޯއްދެވިއެވެ. އަދި އަމިއްލަ ފަރާތަކުން މިހާ މުހިންމު މަސައްކަތެއް ކުރައްވަމުން ގެންދަވާތީ އެކަން ފާހަގަކުރައްވައި އެ ތަނުގެ އިސްވެރިންނަށް ރައީސް ހިތްވަރުދެއްވިއެވެ.
މި ކްލިނިކުގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ގެ ޚިދުމަތް ދެމުންގެންދެއެވެ.
ބްލިސް ކެއަރ ފައުންޑޭޝަންގެ ދަށުން ހިންގާ، މި ކްލިނިކް ހުޅުވީ 2024 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. މި ކްލިނިކްގައި 100 އަށް ވުރެ ގިނަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ރަޖިސްޓްރީކޮށްފައިވާއިރު، ޖުމުލަ 16 ތެރަޕިސްޓުން ފަރުވާދިނުމުގައި ހަރަކާތްތެރިވެއެވެ.
ނައިފަރުގައި ހުންނަ މި ކްލިނިކުން ޅ އަތޮޅުގެ އިތުރުން ނ އަތޮޅުން ވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ފަރުވާ ހޯދަން އަންނަ ކަމަށް ބްލިސް ކެއަރ ފައުންޑޭޝަނުން މައުލޫމާތުދެއެވެ.
ކްލިނިކް ހިންގާ ފައުންޑޭޝަނުން ވިދާޅުވީ، އެތަނުގައި ފަރުވާ ހޯދާ ހުރިހާ ކުދިންނަކީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބޭ އެލަވަންސް ލިބޭ ކުދިންކަމަށެވެ.
އެހެން ކަމުން ސަރުކާރުން އެކުދިންނަށް ދޭ އެހީތެރިކަން ކްލިނިކުން ވަނީ ފާހަގަކުރައްވާފައެވެ.




