މިއަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ޅ. ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މިއަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ.
ސިއްހީ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެގޮތުން ބަލިތައް ޖެހުމުން ދުރުކުރުމަށް، ޕްރިވެންޓިވް ހެލްތް ކެއަރ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ހަރަދުކުރުމަކީ ސިޔާސަތެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ބަލި ޖެހުމުން ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދާން ނުޖެހޭ ވަރަށް ރާއްޖޭގެ ހިދުމަތްތައް ގާއިމުކުރުމަށް އިންވެސްޓު ކުރުމަކީވެސް ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”މިއަންނަ އަހަރަށް ފާސްކުރެވޭ ބަޖެޓުގައި، އެއް ދާއިރާއަކަށް އެންމެ އިސްކަން ދީފައި އޮންނާނީ ސިއްހީ ދާއިރާއަށް. މިކަމަށް މި އަހަރުވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި.“ ރައީސް ވިދާޅުވިއެވެ
ސިއްހީ ދާއިރާ ކުރިއެރުވުމުގެ މަސައްކަތުގެ ތެރެއިން، އެންމެ ބޮޑަށް ބަލިތައް ޖެހޭ އެއްކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ ޖެނެރޭޝަނަލް ބޭން ފެށޭނެ ކަމަށެވެ. މިއީ ޕްރިވެންޓިވް ހެލްތް ކެއަރގެ އެންމެ މުހިންމު ދާއިރާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ނައިފަރުގައި ސިއްހީ ހިދުމަތްތައް ފުޅާކުރުމަށްވެސް ވަރަށް ބޮޑަށް އިސްކަން ދެއްވާފައެވެ. އެގޮތުން ނައިފަރުގެ ހޮސްޕިޓަލް އަޕްގްރޭޑްކޮށް، އައިސީޔޫއާއި އިތުރު މަސައްކަތްތައް އިތުރުކުރުމަށް ހަވާލުކޮށްފައިވާ މަޝްރޫއުގެ ސްކޯޕް ފުޅާކޮށް، 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ހެލްތް މިނިސްޓްރީގެ ފަރާތުން ހޯދާ ސްޕީޗް ތެރަޕިސްޓުންގެ ތެރެއިން އެންމެ އަވަހަށް ހަމަޖެހޭ ބަޔަކު ނައިފަރަށް ހަމަޖެއްސުމަށް ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.
ސިއްހީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ހުރިހާ ސިޓީތަކެއް އަދި އާބަން ސެންޓަރުތަކުގެ ތެރެއިން ސީޓީ ސްކޭން ހެދޭނެގޮތް ނެތް ތަންތަނަށް، ކުރިއަށް އޮތް ހަތަރު މަސްތެރޭ ސީޓީ ސްކޭން ހެދޭނެ ވަސީލަތްތަކާއި އެމްއާރްއައި ހެދޭނެ މެޝިންތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނައިފަރަށްވެސް ސީޓީ ސްކޭންގެ ހިދުމަތް ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާއަށް އިސްކަންދެއްވުމުގެ އިތުރުން ނައިފަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ. ނައިފަރުގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތުގައި މިރޭ ސޮއިކުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އިތުރު 100 ހައުސިން ޔުނިޓްގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިތުރު ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ.
އަދި 2027 ގެ ތެރޭގައި އިތުރު 400 ހައުސިން ޔުނިޓް ނައިފަރުގައި އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށާއި، ޖުމުލަ 800 ހައުސިން ޔުނިޓްގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނައިފަރުގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



