މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެގެ ނިޔަލަށް މިއަދަދު ހަމަވެފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ މުއްދަތާ އަޅާބަލާއިރު %9.9 ގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. އަދި މި މަހުގެ މިހާތަނަށް 168،026 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 149،910 ފަތުރުވެރިންނެވެ.
މި އަހަރު ފެށުނު ފަހުން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. އެގޮތުން ޗައިނާއިން މިހާތަނަށް 291،573 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެ ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން 223،857 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 159،615 ފަތުރުވެރިން އަދި ހަތަރުވަނައިގައި އޮތް އިޓަލީން 119،261 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިވަގުތު 174 ރިސޯޓާއި، 16 ހޮޓަލާއި، 933 ގެސްޓް ހައުސްގެ އިތުރުން 163 ސަފާރީ އުޅަނދު ދަނީ އޮޕަރޭޓު ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި އަހަރު ސަރުކާރުގެ އަމާޒަކީ ޖުމްލަ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު، މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި އަމާޒު ހާސިލްކުރެވޭނެއެވެ.



