ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކައި ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ދަށުން، 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
މި ބަދަލުތައް އަންނަނީ ދައުލަތުގެ މުސާރައިގެ ނިޒާމު ހަރުދަނާކޮށް، އެކި އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލުމުގެ މަޤްސަދުގައެވެ.
ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ. މި އޮނިގަނޑަށް އެންމެ ފަހުން ގެނެވުނު 8 ވަނަ އިސްލާހުގެ ތެރެއިން 3 ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރެވޭނެއެވެ.
މި ބަދަލުތަކުގެ ތެރެއިން ސިވިލް ސަރވިސް އާއި ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އިޢުލާން ކުރައްވާފައެވެ.
މި މަސައްކަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނޭޝަނަލް ޕޭ ކޮމިޝަނުގެ މެންބަރު ރަންދާ ފުޢާދު ވިދާޅުވީ، މިއީ ގިނަ ދިރާސާތަކެއް ކުރުމަށް ފަހު ގެނެވުނު ބަދަލެއް ކަމަށާއި، މި ބަދަލާއެކު މަޤާމުތައް ގިންތިކޮށް ޖޮބް މެޓްރިކްސްތައް އެކަށައެޅުމުން، އެކި އިދާރާތަކުގެ މެދުގައި އެއް ފަންނެއްގެ އެއް ރޭންކެއްގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވޭނެ ކަމަށެވެ.
”ކޮންމެ ފަންނަކަށްވެސް އެފަންނަކާ އެކަށީގެންވާ މުސާރައާއި އިނާޔަތްތަކެއް މިކަނޑައަޅަނީ އެހެންވީމަ ސްޓޭންޑަޑް ޖޮބް މެޓްރިކްސްތަކެއް ހުންނާނެ ކަނޑައެޅިފައި. ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މިއަދު ނޮވެންބަރު 1 އިން ފެށިގެން މި ގެނެވުނު ބަދަލަކީ ދައުލަތުގެ 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލެއް.“ ރަންދާ ފުޢާދު ވިދާޅުވިއެވެ.
މި އައު ފްރޭމްވޯކްގެ ދަށުން 300 އަށްވުރެ ގިނަ ޖޮބް މެޓްރިކްސް އެކަށައަޅާފައިވާ ކަމަށް ޕޭ ކޮމިޝަނުން ވިދާޅުވެއެވެ. ޕޭ ކޮމިޝަންގެ މެންބަރު އަފާފް އިބްރާހީމް އަލިދީދީ ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ޤައުމަށް ބޭނުންވާ މަސައްކަތްތެރިން ފާހަގަކުރެވި، ވޯކްފޯސްގެ ހުސްތަންތަން ދެނެގަނެވޭނެ ކަމަށެވެ.
”ޤައުމަށް ބޭނުންވާ މަސައްކަތްތެރިން އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިއްޖެ، އަޅުގަނޑުމެން މި ހެދި މެޓްރިކްސްތަކުން އެނގިއްޖެ ކޮންތަންތަނެއްގައި ތޯ މަދުވަނީ މިހާރު ޤައުމަށް ބޭނުންވާ މަސައްކަތްތެރިން. މެޓްރިކްސްތަކުގައި މަގާމުތަކާއި މިހިރަ އެއްޗިއްސަ ބަލާފައި އަޅުގަނޑުމެން އެބަޖެހޭ ކުރިމަގުގައި ޤައުމަށް ބޭނުންވާ ވޯކްފޯސް ކުރިއަށްދާނެ ގޮތަށް ބަލާފައި އެ ދާއިރާތަކުން ޒުވާނުން ބިނާކުރަން.“ އަފާފް ވިދާޅުވިއެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ މިހާރު ޢަމަލުކުރަން ފަށާފައިވާ ޕޭ ފްރޭމްވޯކްގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރަ ދަށްނުވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެގޮތުން މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖަށް ވުރެ އެއްވެސް މުވައްޒަފެއްގެ މުސާރަ ދަށް ނުވާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.




