ނޮވެމްބަރު 3 ގައި ފާހަގަ ކުރަމުން އަންނަ ނަސްރުގެ ދުވަހަކީ އަވައްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭނެ ދުވަހެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީން ވިދާޅުވީ، މިއަދަކީ ދިވެހި ޤައުމަށް
ނަސްރު ދެއްވި ދުވަސް ކަމަށާއި ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަސް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ނޮވެމްބަރު 3 އަކީ ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް ކަމަށާއި، މި ދުވަހަކީ ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަހެއް ކަމަށެވެ. އަދި މިއީ ސިފައިންގެ ވަރުގަދަ ޢަޒުމާ ވަރުގަދަ ޤުރުބާނީ ފާހަގަ ކުރެވުނު ދުވަސް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ ނޮވެމްބަރު 3 ގެ ހާދިސާގައި ޤައުމަށްޓަކައި ޖިހާދުކުރެއްވި ބަޠަލުންގެ ހަނދާންތައް އާކުރައްވާފައެވެ. ޔާމީން ވިދާޅުވީ މިއީ ޒުވާން ޝަހީދު ޙުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަސް ކަމަށާއި، ޤައުމު ދިފާޢު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސް ކަމަށެވެ.
ހަމައެއާ އެކު، ޤައުމީ ބަޠަލު ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހިމް މުޙައްމަދުދީދީގެ ހިތްވަރުގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ދިން ދުވަސްކަން ވެސް ޔާމީން ފާހަގަކުރެއްވި އެވެ.
ނޮވެމްބަރު 3 ގައި ނަސްރުގެ ދުވަސް ފާހަގަ ކުރަނީ މީގެ 37 އަހަރު ކުރިން ދިވެހިންގެ ޚާއިނުންތަކެއް، ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ރާއްޖޭގެ ވެރިރަށް މާލެ އަށް އަރައި ދިން އުދުވާނީ ހަމަލާއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ހަމަލާގައި 19 ދިވެއްސަަކު ޝަހީދުވި އެވެ.
އެ ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އިން ވަނީ ’އޮޕަރޭޝަން ކެކްޓަސް‘ ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ.
އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާންކޮށްދޭ ދުވަހެއްގެ ގޮތުގައި ނޮވެމްބަރު 3 ސިފަކުރައްވައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައިވާއިރު، އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އެމްޑީޕީގެ މިދިޔަ ސަރުކާރުގެ ދުވަސްވަރު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ’އިންޑިއާ އައުޓް‘ ގެ ނަމުގައި ބޮޑު ކެމްޕޭނެއް ހިންގަވާފައެވެ.
އެ ކެމްޕޭނަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރި ކެމްޕޭނެކެވެ.




