ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސަރުކާރުގެ ދެ އަހަރު ފާހަގަކުރުމުގެ ގޮތުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 14 ވާ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗުގައެވެ.
ހުކުރު ދުވަހުގެ ރޭ 20:30 އޮންނަ މި ބޮޑު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންސީއިން ބުންޏެވެ.
ސަރުކާރުގެ ވެރިކަމަށް ދެ އަހަރު ފުރޭނީ މިމަހުގެ 17 ގައެވެ.
މި ސަރުކާރުގެ މި ދެ އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ރައީސް މުއިއްޒު ރެކޯޑް މުއްދަތެއްގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ރެކޯޑެއް ހެއްދެވުމެވެ. މިއީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެމީހުންގެ ޝަކުވާތައް އަޑުއެހުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކޮށްދޭ މުހިންމު ކަމެކެވެ.
މީގެ އިތުރުން، ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ވަސީލަތްތައް އިތުރުކޮށް، ދިފާއީ ގާބިލުކަން ވަރުގަދަކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީފައިވެއެވެ.
މި ދެ އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ހިދުމަތަށް ޑްރޯންއާއި ބޮޑު ކަނޑު އުޅަނދެއްގެ އިތުރުން އެއްގަމު އުޅަނދުތަކެއްވެސް ވަނީ ނެރެފައެވެ.




