ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ގިނަ ރަށްރަށުގައި ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާރުވެސް އެތައް ރަށެއްގައި ބިންގާ އެޅި، އެކި މަރުހަލާތަކުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާކުރުމުގެ މުހިންމު ބައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަސައްކަތުގެ ކޮލިޓީއާއި ކުރިއެރުން ރައްޔިތުންނަށް އެނގޭނެ ގޮތަކަށް ބެލެހެއްޓުމަށްޓަކައި، ރަށުގެ އެކި ފަރާތްތައް ހިމެނޭގޮތުން ކޮމިޓީތަކެއް އެކުލަވައިލުމުގެ ބޭނުންތެރިކަން މިހާރު ފެންނަން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކައުންސިލް އިދާރާގެ އުމްރާނީ މަސައްކަތާ ބެހޭ ގޮތުން ދިމާވާ ކަންކަމާއި ހައްލު ކުރަންޖެހޭ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، 9108899 އަށް ގުޅުއްވުމުން، މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހިވާނެ ގޮތަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި، މި މަޝްރޫއަކީ ދިވެހިރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ، އަދި ދުރު ރާސްތާގެ ފައިދާތައް ލިބިގެންދާނެ މުހިންމު މަޝްރޫއެކެވެ.



