ބޮލީވުޑްގެ މަޝްހޫރު ތަރި، ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ފިލްމު ”ކިންގް“ އަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ހެދޭ އެންމެ އަގުބޮޑު ފިލްމު ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
”ކިންގް“ އަކީ ޝާހްރުކްގެ އަމިއްލަ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާއި، ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ފިކްޗާސް ގުޅިގެން އުފައްދާ ފިލްމެކެވެ.
މީގެ ކުރިން ޝާހްރުކްގެ އެންމެ ބޮޑު ބަޖެޓުގެ ފިލްމަކީ 2023 ވަނަ އަހަރު ރިލީޒްކުރި ”ޖަވާން“ އެވެ. ތަމަޅަ ޑައިރެކްޓަރު އެޓްލީ ހެދި އެ ފިލްމުގެ ބަޖެޓަކީ 300 ކްރޯޑް ރުޕީސް (34 މިލިއަން ޑޮލަރު) އެވެ. ”ކިންގް“ ގެ ބަޖެޓް، ”ޖަވާން“ އަށް ވުރެ 50 ކްރޯޑް ރުޕީސް އިތުރުވެ އެވެ.
މި އެކްޝަން ތުރިލާ ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 350 ކްރޯޑް ރުޕީސް (39.5 މިލިއަން ޑޮލަރު) ކަމަށް ވަނީ ބެލެވިފަ އެވެ. މި ބޮޑު އިންވެސްޓްމަންޓާއެކު، ”ކިންގް“ ވަނީ ޝާހްރުކްގެ ފިލްމުތަކުގެ ތާރީޚުގައި އައު ރެކޯޑެއް ގާއިމުކޮށްފަ އެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ޝާހްރުކްގެ ދަރިފުޅު، ސުހާނާ ޚާނާއި، ދީޕިކާ ޕަދްކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ އަދި އަނިލް ކަޕޫރު ފަދަ ގިނަ ތަރިންތަކެއް ހިމެނެ އެވެ. މީގެ އިތުރުން އަރުޝަދު ވަރްސީ، ޖެކީ ޝްރޮފް، ޖައިދީޕް އަހުލުވާތު، ސޯރަބް ޝުކްލާ، ރާގަވް ޖުޔަލް، އަބޭ ވަރުމާ، އަކްޝޭ އޮބެރޯއީ، ކަރަންވީރް މަލްއުތުރާ އަދި އަރްޖުން ދާސް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް ޝޫޓްކުރަމުން އަންނަ ”ކިންގް“ އަކީ ބެލުންތެރިން ވަރަށް ބޮޑު އިންތިޒާރެއް ކުރަމުންދާ ފިލްމެކެވެ.
މި މަހުގެ 2 ވަނަ ދުވަހު ފާހަގަކުރި ޝާހްރުކްގެ 60 ވަނަ އުފަން ދުވަހާ ގުޅިގެން ”ކިންގް“ ގެ ޓީޒާއެއް ވަނީ ދައްކާލާފަ އެވެ. ނަމަވެސް ފިލްމު ރިލީޒްކުރާނެ ރަސްމީ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ބޮޑު ބަޖެޓުގެ އެކްޝަން ތުރިލާ ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.




