ހެލްތް މިނިސްޓްރީން އިންތިޒާމުކޮށްގެން، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ”ހެލްތު އެކްސްޕޯ“ގެ ނަމުގައި ޚާއްސަ އެކްސްޕޯއެއް ބާއްވަން ނިންމައިފިއެވެ.
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އިން 15އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދައުލަތުގެ ޓީވީ އާއި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ހެލްތު އެކްސްޕޯ 2025އަކީ މި ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ އެކްސްޕޯއެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ހެލްތު އެކްސްޕޯގައި 50 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން މި އެކްސްޕޯގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، އެންޖީއޯތަކާއި، ކްލިނިކްތަކާއި، ސިއްޙީ ދާއިރާގެ އެހެނިހެން ޖަމިއްޔާތައް ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި އެކްސްޕޯއަކީ ވަކި އުމުރުފުރައަކަށް ޚާއްސަ އެކްސްޕޯއެއް ނޫން ކަމަށާއި، ހުރިހާ އުމުރުފުރާއެއްގެ ބައިވެރިވުން ހިމެނޭނެ ކަމަށެވެ.
”50 އަށްވުރެ ގިނަ ޕާޓިސިޕެންޓްސް މިފަހަރު އަޅުގަނޑުމެންގެ މި އެކްސްޕޯގައި ވަނީ ބައިވެރިވެފައި. އޭގެތެރޭގައި އެންޖިއޯސް، އޯގަނައިޒޭޝަންސް، ހޮސްޕިޓަލްސް، ކްލިނިކްސްތަކާއި މީގެއިތުރުން ހެލްތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހަމަ ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުމާއި ޝާމިލްވުން މީގަ އެކުވެގެންދޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
އެކްސްޕޯގެ ތެރެއިން ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



