ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި އެހީތެރިވި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރެވިފައިވާ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒްގެ މަގާމު އަލުން އިއާދަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައިފިއެވެ.
މިގޮތަށް ރައީސް ނިންމެވީ، ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ މައްސަލަ އަލުން ބެލުމަށްފަހު، މަހްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމައި ވަޒީފާ އަލުން އިއާދަކޮށްދިނުމަށް ލަފާ އެރުވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 241 ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީގަކާ ގުޅިގެން މަގާމުން ވަކިކުރެއްވި މަހްމޫދު ރިޔާޒްގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފަހު، އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމަވައި ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާ ކަމަށެވެ.
އެހެންވެ، މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަ ކުރައްވާފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މަޖިލިހުގެ 241 ކޮމިޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މަހުމޫދު ރިޔާޒު މަގާމުން ވަކިކުރަން ރައީސް މުއިއްޒަށް ފުރަތަމަ ލަފާއެރުވީ، ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެއަށް ގާނޫނާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއަކުން ކަސްޓަމްސް އަށް ނޭނގި ގާނޫނާ ހިލާފަށް ސިނގިރޭޓު ކާޓަންތަކެއް ނެރުނު މައްސަލައެއްގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ނަމަވެސް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވުމާ ގުޅިގެން 241 ކޮމިޓީން އެ ތުހުމަތުތައް އަލުން ބެލިއެވެ. އަލުން މައްސަލަ ބެލިއިރު، މަހްމޫދު ރިޔާޒްގެ ބައިވެރިވުމެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށް ކޮމިޓީގެ ބަޔާނުގައިވެއެވެ.
އެހެންކަމުން، ކޮމިޓީގައި އިތުރަށް މަޝްވަރާކުރުމަށް ފަހު، މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިޔާދަކުރަން ރައީސް މުއިއްޒަށް ލަފާ އެރުވުމަށް ކޮމިޓީން ނިންމިއެވެ.
މަހްމޫދު ރިޔާޒް މަގާމުން ވަކިކުރަން ނިންމުމުން އޭރު ވިދާޅުވެފައިވަނީ ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށާއި، އޭނާއާ ގުޅުވައިގެން ކުރެވޭ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ކަންތައްތައް ކަމަށެވެ.



