އަންނަ އަހަރު ސައުދި އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް މާދަމާ ރާއްޖެ އަންނާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފިއެވެ.
މި ޓީމް ރާއްޖޭގައި ކުރިއަށް ގެންދާނީ ޓްރެއިނިންގ ކޭމްޕެކެވެ.
އެފްއޭއެމްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ދަތުރުގައި ފަލަސްތީނު ޓީމުން ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ދެ އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 13 އަދި 15 ވަނަ ދުވަހުގެ ރޭ 9:00 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ.
އެފްއޭއެމްގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިފައިވެއެވެ. އެހެންކަމުން، މި ޓީމް ރާއްޖޭގައި ކޭމްޕް ކުރުމަށް ހިނގާ ހުރިހާ ހަރަދުތަކާއި އިންތިޒާމްތައް ހަމަޖެއްސުމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިފައިވާކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.
ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް އެހީތެރިވުމުގެ ގޮތުން، ރާއްޖެ އާއި ފަލަސްތީނު ބައްދަލުކުރާ މި ދެ އެކުވެރިކަމުގެ މެޗުގައި ޚާއްސަ ސްވެނިއާ ޓިކެޓް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެފްއޭއެމްއިން ބުނި ގޮތުގައި، ކޮންމެ މެޗެއްގައިވެސް 50 ސްވެނިއާ ޕްލެޓިނަމް ޓިކެޓާއި، 200 ސްވެނިއާ ގޯލްޑް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވެއެވެ. މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.



