ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖުމްލަ 27 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މި ފައިސާ ދޫކުރީ، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ 9 ޕާޓީއެއްގެ ތެރެއިން ޤާނޫނީ ޝަރުޠު ހަމަވާ 5 ޕާޓީއަކަށެވެ. އެއީ ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)، ޢަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.
އީސީން މި ފަސް ޕާޓީއަށް ދޫކުރި ޖުމްލަ އަދަދު 27 މިލިއަން ރުފިޔާއަށް އަރާއިރު، ކޮންމެ ޕާޓީއަކަށް ލިބުނު ފައިސާގެ އަދަދު ކަނޑައަޅާފައިވަނީ އެ ޕާޓީތަކުގެ މެންބަރުންގެ ޢަދަދަށް ބަލައިގެންނެވެ.
އެގޮތުން، 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ސިޔާސީ 5 ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާގެ މަގުން ފައިސާ ދޫކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން، މިއަހަރު ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ.
މި ޕާޓީތަކުގެ މެންބަރުންގެ ޢަދަދުތަކަށް ބަލާއިރު، ޕީއެންސީގައި 68،665 މެންބަރުން، އެމްޑީޕީގައި 43،765 މެންބަރުން، ޖޭޕީގައި 13،456 މެންބަރުން، އެމްޑީއޭގައި 9،011 މެންބަރުން އަދި ޢަދާލަތު ޕާޓީގައި 8،844 މެންބަރުން ހިމެނެ އެވެ.
ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފްސީލު:
- ޕީއެންސީ: 13،316،689.57ރ.
- އެމްޑީޕީ: 8،454،780.51ރ.
- ޖޭޕީ: 2،656،598.57ރ.
- އެމްޑީއޭ: 1،769،648.69ރ.
- ޢަދާލަތު ޕާޓީ: 1،713،538.65ރ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ، ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ ޕާޓީތަކުގެ މެންބަރުންގެ ޢަދަދަށް ބަލައި، އެ ޢަދަދާ އެއްގޮތަށް ބަހާލައިގެންނެވެ.



