ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެމްއެންޑީއެފް ގެ ޑްރޯންގެ އެހީގައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ލަންކާގެ މަސްބޯޓާއި އެ ބޯޓުގައި ތިބި ފަސް މީހަކާއި އަދި ބޯޓުން ފެނުނު 300 ކިލޯގެ މަސްތުވާތަކެތި ފުލުހުންނާ މިއަދު ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި ބޯޓު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރާއި، ފެނުނު މަސްތުވާތަކެތީގެ އަދަދު ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.
ލަންކާގެ ނޫހެއްގައި އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. އަދި އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައިކަމަށް އެނޫހުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި، ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި ބޯޓު ފެނުނެވެ.
ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވަނީ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށެވެ.
މައުލޫމާތު ލިބޭގޮތުގައި މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ލަންކާގެ ޓީމެއް ރާއްޖެ އަންނަން ވަނީ ހަމަޖެހިފައެވެ.




