އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބު، އެޤައުމުގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ކިންޖަރަޕް ރާމް މޯހަން ނައިޑު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބެއް ގޮތުން އެ ޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ރާއްޖެ ވަޑައިގަންނަވާފައިވަނީ، އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެމަނިކުފާނާއި އެކު އިންޑިއާގެ އޮފިޝަލުންތަކެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރު ޑރ. ޚަލީލް ވަނީ އިންޑިއާގެ ސިވިލްއެވިއޭޝަން މިނިސްޓަރަށް މަރުޙަބާ ދަންނަވައި، ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ދެ ބޭފުޅުންގެ މަޝްވަރާތަކުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެކުވެރިކަމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ހަމީދު، ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު، އާއިޟަތު އަޒީމާ، ޖޮއިން ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.



