ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ބޮޑު ތިލަދުންމަތީގެ ތަރައްގީގެ ދޮރާށި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އެއާޕޯޓް ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންގެ ތަރައްގީގެ ދޮރާށި ކަމަށާއި، އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި އުތުރުގެ އަތޮޅުތައް ތަރައްގީކުރުމަށް އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ.
ރައީސް ވިދާޅުވީ، މި އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ހުރިހާ ދާއިރާއަކުންނާއި އިޖުތިމާޢީ ގޮތުންވެސް ތަރައްގީއާއި ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އެމަނިކުފާނު ވަނީ މި ފުރުސަތުގެ ބޭނުން އެންމެ ފުޅާމިނުގައި ހިފުމަށް ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
”މި ދޮރާއްޓަކީ ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ހަލުވި މިނުގައި ހާސިލްކުރުމުގެ ވަރަށް މުހިންމު ވަސީލަތެއް. މި ރަށާއި މި އަތޮޅާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުސަތު އަޅުގަނޑު އެދެނީ ވަރަށް ފުޅާމިނުގައި އަޅުގަނޑުމެން ބަލައިގަނެ، އޭގެ ބޭނުން ހިފަން ފަށަން،“ ރައީސް ވިދާޅުވި އެވެ.
ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން އެކަށީގެންވާ މިންވަރެއްގައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކަންތައްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރަހައްދުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމުގައި މި އެއާޕޯޓު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖޭގެ ކުދި، ބޮޑު، މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިންނަށް މި ސަރަހައްދަށް ވަޑައިގެން އިންވެސްޓްކުރުމަށް ގޮވާލައްވާފަ އެވެ.
ރައީސް މި ފުރުސަތަށް އިޝާރާތްކުރައްވަމުން ވިދާޅުވީ، މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް ކަމަށެވެ. ބޮޑުތިލަދުންމަތީގައި ހުރިހާ ދާއިރާއަކުން ވެސް ފުރުސަތުތައް އެބައޮތް ކަމަށާއި، ސަރުކާރުން އޮތީ ހުރިހާ ގޮތަކުން ކަންކަން ފަހިކޮށްދިނުމަށް ތައްޔާރަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



