މި އަހަރުގެ އޮކްޓޯބަރު މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.04 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %16.7 އިތުރު އަދަދެކެވެ. އަދި މިއީ މި އަހަރުގެ އޮކްޓޯބަރުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %1.2 އިތުރު އަދަދެއް ކަމަށްވެސް މީރާއިން ބުންޏެވެ.
މީރާއިން ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާކިޔާއިރު، މި އަހަރުގެ އޮކްޓޯބަރުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (G.S.T) އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ. މި ކުރިއެރުމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި އަޅައިބަލާއިރު މި އަހަރުގެ ސެޕްޓެމްބަރުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %12.6 އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެއް ކަމަށް މީރާއިން ބުންޏެވެ.
މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި މިދިޔަ ޑިސެންބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާ ގުޅިގެންވެސް އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ފާހަގަކުރެއެވެ.
މީރާއިން ބުނިގޮތުގައި، އަންދާޒާކޮށްފައިވާ އަދަދަށްވުރެ %1.2 އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ވާކް ޕާމިޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށްވެސް މީރާއިން ވިދާޅުވެފައި ވެއެވެ.
މި ފީތަކުން ލިބުނު އާމްދަނީއަކީ އޮކްޓޯބަރު މަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިނުވާ އާމްދަނީތަކެކެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ %21 އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %7.1 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވިކަން މީރާއިން ފާހަގަކުރެއެވެ.
މި އަހަރުގެ އޮކްޓޯބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.23 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 172.3 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 146.1 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 138 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 135.9 މިލިއަން ރުފިޔާ، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 7.2 މިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ.
މި އަދަދުތަކުގެ ތެރޭގައި 85.96 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.



