ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓުން މަސްތުވާތަކެތި ހުރި 24 ގޯނި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށެވެ.
ެއަދި އެމްއެންޑީއެފްއިން މި އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި 05 ފަޅުވެރިން އިއްޔެ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި މިއަދު ކޯޓު އަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެއްޗެވެ.
މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެއީ 39، 42، 28، 34 އަދި 63 އަހަރުގެ ފަސް ފިރިހެނުންނެވެ.
ޑްރޯންގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަވިޝްކާ ޕުތާ ނަމަކަށް ކިޔާ އެ ބޯޓު ހޯދައި، ސިފައިންގެ ބާރުގެ ދަށަށް ގެނައީ މި މަހުގެ ހަތް ވަނަ ދުވަހުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިއްޔެ އެމްއެންޑީއެފް އިން ވަނީ އެ ބޯޓާއި ބޯޓުގައި ހުރި މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން ބުނީ، މި މައްސަލަ، ދިވެހި ފުލުހާއި، އެމްއެންޑީއެފް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.



