ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު މިސްރާބު ޖަހާފައިވަނީ މުހިއްމު އަދި ރަނގަޅު ދިމާލަކަށްކަމަށް، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ނިޝާން މުލީގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ދިވެހި ދައުލަތުގެ ޢިއްޒަތުގެ ޝަރަފު، ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އަރުވާފައިވާ ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގައި ވިޔަފާރިތައް ކުރިއެރުވުމަށް ޒަމާނީ ވަޞީލަތްތައް ބޭނުންކުރެވޭނެ ފަހި މާޙައުލެއް މިހާރު އޮތްކަމަށާއި، ޤައުމުގެ އިޤްތިޞާދު ހުރީ ރަނގަޅު މިސްރާބެއްގައިކަމަށެވެ.
ޞާލިޙް ވިދާޅުވީ، ޚިދުމަތުގެ ބައި ޤަރުނަށްވުރެ ދިގު ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ވިޔަފާރީގެ ދާއިރާއިން މީހުން އަހުލުވެރިކުރުވުމަށް ކުރެވުނު މަސައްކަތްތައް ކަމަށެވެ. އެގޮތުން ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތައް އެދާއިރާގައި ބައިވެރިކުރުވުމާއި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަންހެނުން ވިޔަފާރީގެ ދާއިރާގައި ބައިވެރިކޮށް އެކަން ބަލައިގަތުމަކީ ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި ޞާލިޙް ފާހަގަކުރެއްވިއެވެ.
ޞާލިޙް އިތުރަށް ވިދާޅުވީ، މީގެކުރީގައި ކަންކަން ހިންގަމުން އައިގޮތާއި ޚިލާފަށް މިހާރު، ސިޔާސަތުތައް އެކުލަވާލުމުގައާއި އެހެނިހެން ކަންކަމަށް ބަލާއިރުވެސް ކަންކަން ބައްޓަންވަމުންދަނީ މީހުން ބިނާކުރުމުގެ ވިސްނުމުގައި ކަމަށެވެ. އަދި ދިވެހީން ތިބި ޙާލަތުން އެހެން ޙާލަތަކަށް ގެންދިޔުމަށް ވިސްނުމަށް ގެންނަމުންދާ ބަދަލުތަކާއި މީހުންގެ ނަފްސުގެ ޤާބިލުކަމަށް ވާޞިލުވެ، އޭގެ ބޭނުންކުރަމުން ކުރިއަށްދަނީ ޤައުމު އައު މިސްރާބަކަށް ގެންދަންކަމަށް ސާލިހް ވިދާޅުވިއެވެ.
އެގޮތުން އާޓިފިޝަލް އިންޓަރލިޖެންސާއި އެހެނިހެން ޒަމާނީ ވަޞީލަތްތަކަށް ދިވެހީން އަހުލުވެރިވަމުންދާއިރު އެކަމަށް ފުރުސަތު މިއަދު ފަހިވަމުންދާކަމަށް ސާލިހް ވިދާޅުވިއެވެ.
ޞާލިޙް ވަނީ ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި ރާއްޖެއަށް އެކި ބާވަތުގެ ވިޔަފާރިތައް ތަޢާރަފްކޮށް، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހިގޮތަކަށް ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.




