ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ ހަފުތާގައި އަތުލައިގަތް ސްރީލަންކާގެ ބޯޓަކުން 350 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ލަންކާގެ ފަސް މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި ބޯޓަކީ ގާނޫނާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ”އަވިޝްކާ ޕުތާ“ ނަމަކަށް ކިޔާ މަސް ބޯޓެކެވެ. ދިވެހި ފުލުހުން ބުނެފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ މި ބޯޓު ފާސްކުރިއިރު، 350 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ލަންކާގެ ފަސް މީހުންނަކީ ކޭ އެން އައި ޕެއިރިސް (39)، ސިންގައްޕުލިގެ ނިމަލް ރަންޖިތު ކިސަންތަ ފެނާންޑޯ (63)، ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް (34)، މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ ނުވަން ލިވެރަ (42)، އަދި ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ ފެނާންޑޯ (28) އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދުގެ އަމުރުތަކުގައިވާ ގޮތުން، މި މީހުން ވަނީ ބަންދު މުއްދަތު މަޖިލީހުގައި އެ ކުށަށް އިންކާރުކޮށްފައެވެ. ކޯޓުގެ އަމުރުގައި ބުނިގޮތުގައި މި ކުށަކީ ގިނަ ބަޔަކު ޝާމިލްވެގެން ކުށްކުރާ ނެޓުވޯކަކުން ހިންގާފައިވާ ކުށެއް ކަމަށް ބެލެވޭތީ، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން، ސްރީލަންކާގެ ފުލުހުންނާއި އެ ގައުމުގެ ކަނޑުގެ ސިފައިން ވެސް ދަނީ ބައިވެރިވަމުންނެވެ.
މީގެ އިތުރުން، މި މައްސަލަ ތަހުގީގު ކުރުމަށް ސްރީލަންކާގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.



