ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އޮތީ އެހީތެރިވެދޭން ތައްޔާރަށް ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި ޔޫތު މިނިސްޓްރީއާއި ދެމެދު އިސްތިރާޖީ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ފަހުމުނާމާގައި ޔޫތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އިބްރާހިމް ވަހީދު ސޮއިކުރެއްވިއިރު، އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.
މިނިސްޓަރު ވަނީ މި އެއްބަސްވުމަކީ ވަރަށް މުހިންމު އެއްބަސްވުމެއްކަމަށް ސިފަކުރައްވައި، ރާއްޖޭގެ ނޫސްވެރިންނަށް މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ގޮވާލައްވާފައެވެ. އަދި މިކަމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.
މީޑިއާ ދާއިރާގެ ތަޖުރިބާގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންގެ ގާތްގަނޑަކަށް 90 އިންސައްތަ ކުދިންނަކީ ސްކޫލް ނިންމާލުމަށްފަހު ހަމައެކަނި ޝައުގުވެރިކަމުގެ ބޮޑުކަމުން ނޫސްވެރިކަމަށް ވަދެ، މަސައްކަތުގެ ތެރެއިން ދަސްކުރަމުން އަންނަ ކުދިން ކަމަށެވެ.
މިކަން މުޅިއަކުން ގޯސް ނޫންކަމުގައި ވިޔަސް، މިނިސްޓަރު ވަނީ ނޫސްވެރިންނަށް މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.
”ތިބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތުވާނެ. ތިބޭފުޅުންނަށް އިނގޭ މިންވަރު ތަފާތު ވާނެ. ތިބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސްކުރާ އެއްޗާއި ލިޔާ އެއްޗާއި ތަފާތުވާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މި ފަހުމުނާމާގެ ސަބަބުން ދެފަރާތުގެ މަސައްކަތްތަކަށް އައު ހަލުވިކަމެއް ލިބި، ގައުމީ ތަރައްޤީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އެމްއެންޔޫގެ އަސާސީ މަސްއޫލިއްޔަތަކީ ތައުލީމީ ގޮތުން ގައުމަށް ޚިދުމަތްކުރުން ކަމަށާއި، މި މަސްއޫލިއްޔަތުގެ ދަށުން ވުޒާރާއާއެކު ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަޤީންކަން ޝެހެނާޒް ދެއްވިއެވެ.
ޑރ. ޝެހެނާޒް އިތުރަށް ވިދާޅުވި ގޮތުގައި، މި ފަހުމުނާމާގެ ދަށުން ޔުނިވަރސިޓީން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި ވުޒާރާއިން ހިންގާ ތަމްރީން ޕްރޮގްރާމްތަކަށް ޔުނިވަރސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ.
މީގެ އިތުރުން އޮން ދަ ޖޮބް ޓްރެއިނިން ސެޝަންތައް ހިންގުމާއި، ގާބިލް ފެސިލިޓޭޓަރުން ފޯރުކޮށްދިނުމަށް އެހީތެރިވާނެއެވެ. އަދި މި ފަހުމުނާމާގެ ދަށުން މީޑިއާއާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި މިނިސްޓްރީން ބައިވެރިވާނެކަމަށް އެމްއެންޔޫން ހާމަކުރެއެވެ.




