ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސް ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގެ ތަހުގީގު ނިމުމުން، އެ މީހުންނަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ދިވެހި ސިފައިންގެ ޑްރޯން ބޭނުންކޮށްގެން ހޯދާ، ސިފައިންގެ ބެލުމުގެ ދަށަށް ގެނެވުނު ”އަވިޝްކާ ޕުތާ“ ނަމަކަށް ކިޔާ މި ބޯޓާއި އެ ބޯޓުގައި ތިބި ފަސް މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންނަކީ ކޭ އެން އައި ޕެއިރިސް (39)، ސިންގައްޕުލިގެ ނިމަލް ރަންޖިތު ކިސަންތަ ފެނާންޑޯ (63)، ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް (34)، މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ ނުވަން ލިވެރަ (42)، އަދި ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ ފެނާންޑޯއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ބޯޓު ފާސްކުރިއިރު މަސްތުވާތަކެތި ހުރި 24 ގޯނި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަން ޖުމްލަ 355.9 ކިލޯގްރާމްއަށް އަރައެވެ. އޭގެ ތެރޭގައި މެތަމްފެޓަމިން ކަމަށް ޝައްކު ކުރެވޭ 297.3 ކިލޯ ގްރާމާއި، ހެރޮއިން ކަމަށް ޝައްކު ކުރެވޭ 58.6 ކިލޯ ގްރާމް ހިމެނެއެވެ.
ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުންދަނީ ރާއްޖޭގެ ގުޅުންހުރި ގާނޫނުތަކުގެ ދަށުން، ފުލުހުންނާއި ދިވެހި ސިފައިން (އެމްއެންޑީއެފް)، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ތަހުގީގުގައި ބައިވެރިވާ އިދާރާތަކާއެކު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ވަނީ އިއްޔެ މި ފަސް މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހިފެހެއްޓުނު އެއް މައްސަލައެވެ.



