އަންނަ އަހަރުގެ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދޫކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، އަންނަ އަހަރުގެ ފެބްރުއަރީ 18 ގައި ފަށާ ރޯދަމަހަށް ދޫކުރާ ރޯދަ ހަދިޔާގެ ގޮތުގައި ކުރީ ފަހަރެކޭ އެއްގޮތަށް މަސްދަޅު ކޭހެއް ދޫކުރާނެ ކަމަށެވެ.
ރޯދަ ހަދިޔާ ބެހުމަށްޓަކައި ބައެއް ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަނީ ގޭބީސީތަކުގެ މައުލޫމާތު ނަގަން ފަށައިފަ އެވެ.
ނަމަވެސް މިކަމުގެ އިތުރު ތަފުސީލް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ރޯދަމަހަށް މަސްދަޅު ކޭހެއް ހަދިޔާކުރަން ނިންމަވައި، މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި 108،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހާފައިވެއެވެ.




