ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫތަކަކީ، ވައުދުވެ ވަޑައިގެންނެވި ގޮތަށް ފަށައިގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެއް ކަމަށާއި، ކޮންމެ ރަށަކުންވެސް ދެން ފިނިގެންދާނީ މަޝްރޫޢުތައް ފަށައި، ނިމިގެންދާ މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލެ އަތޮޅު ގުޅީ ބިން ހިއްކުމާޢި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވަނީ ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ސަރުކާރަށް ހަމަހަމަ ރައްޔިތެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްނަމަ، މިސަރުކާރުން އެކަންކަން ކުރިއަށް ގެންގޮސް ނިންމަމުންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށާއި، މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ފަށައި، ނިންމަމުންދާނެ ކަމަށެވެ.
”ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވަން އޮތީ މިހެން، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީވެސް، އަޅުގަނޑު ކުރިމަތީގައި މި ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތުންނޭ، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްވިއްޔާ މިގޮތުގައި ކުރިއަށްގެންދާނެ، ކަންކަން ފެށި ނިމި ސޮއިކުރެވި، ކޮންމެ ރަށެއްގައިވެސް ފެނިގެންދާނެ، ކަންކަން ހިނގަމުންދާ ތަން ނިމެމުންދާތަން، އާ މަޝްރޫޢުތައް ފެށޭތަން“ ރައީސް ވިދާޅުވިއެވެ.
ގުޅީގައި ހިއްކި ބިމަކީ ތަރައްޤީގެ ގިނަ ކަންކަން ފެށުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ރައްޔިތުން ބޭނުންވާ ގޮތަށް ލޭންޑް ޔޫސްޕްލޭން އެކުލަވާލެވި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އިޖުތިމާޢީ އުމްރާނީ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ޔަޤީންކަން ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން އެ ބިމުގައި ކުރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
”އެއީ ގޯތި ގެދޮރު ބިނާކުުރުމަށްޓަކައި ހައުސިން މަޝްރޫޢުތައް ހިންގައިދިނުން ކަމުގައި ވިޔަސް، އިޖުތިމާޢީ އުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން ކަމުގައިވިޔަސް ސަރުކާރުން އޮންނާނީ ރައްޔިތުންނާއެކު ދާން ބޭނުންވާ މިސްރާބަށް ދިއުމުގައި ފުރިހަމައަށް އެއްބާރުލުންދީގެން.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ގުޅީ ބަނދަރު ބޮޑުކުުރުމުގެ މަޝްރޫޢުވެސް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ސާމާނު މިހާރުވެސް ރަށުގައި ހުރިކަން ފާހަގަކުރައްވައި އެއީ ކާމިޔާބުކަމާއެކު އަމަލީގޮތުން ފަށާ ނިންމާނެ މަޝްރޫއަކަށް ވާނެކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް ހިނގަމުންދާ އިތުރު މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅީގެ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލަ ރައްޔިތުން ބޭނުންވާ ގޮތަށް، ދަޢުލަތަށް ގެއްލުން ނުވާނެ ގޮތެއްގައި ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.




