ބަޑީގެ ހަމަލާއެއްގައި ބްރެޒިލްގެ 18 އަހަރުގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ ވޮންޑާސަން ބްރެންޑޯ ޑި ސޫސާ، މަރުވެއްޖެއެވެ.
ބްރެޒިލްގެ ގޮއިއަސް ސްޓޭޓްގެ އަރަގޯއާނިއާގައި ހުންނަ އޭނާގެ އާއިލާގެ ގޭގައި މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާ ހިނގާފައި ވަނީ އޭނާގެ ކޮއްކޮ ބަޑި ސާފު ކުރަން އުޅުމުގެ ތެރޭގައި އޮޅިގެން، އޭނާގެ ކަރަށް ދިން ހަމަލާއެއްގައެވެ.
ބްރެޒިލްގެ ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ފޮރެންސިކް ޓެސްޓުތައް ހެދުމަށްޓަކައި ބަޑި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް މިބަޑި އަކީ ކާކުގެ މިލްކެއް ކަމެއް އަދި ނޭނގެއެވެ.
އަރަގޯއާނިއާ އެފްސީގެ ލެފްޓް ބެކަށް ކުޅެމުން އައި ވޮންޑާސަންގެ މަރާއެކު، އެ ކްލަބުގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިއެއް ކުއްލި ގޮތަކަށް މަރުވުމަކީ އަރަގޯއާނިއާ ސިޓީގެ ރައްޔިތުންނަށް، ހާއްސަކޮށް ފުޓްބޯޅައަށް ލޯބިކުރާ އެތައް ބަޔަކަށް ލިބުނު ބޮޑު ސިހުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާ ހިނގުމުގެ ދެ ހަފުތާ ކުރިން ވެސް ބްރެޒިލްގެ ޒުވާން ކުޅުންތެރިއެއް ކަމަށްވާ އެންތަނީ ވަނީ އެކްސިޑެންޓެއްގައި މަރުވެފައެވެ. އޭނާ މަރުވީ ސައިކަލުގައި ދަނިކޮށް މަގު ހުރަސް ކުރަމުން ދިޔަ ގެރިއެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ.




