ކ. ގުޅީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު، އެމްޓީސީސީ އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގުޅި ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.
މި މަޝްރޫއަކީ 85 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވާއިރު، އެމްޓީސީސީއަށް މި މަސައްކަތް ނިންމުމަށް 510 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ގުޅި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ މަސައްކަތްތައް ހިމެނެއެވެ. އެގޮތުން، ބަނދަރު އަދި ނެރު ފުންކުރުމުގެ އިތުރުން، ކުރީގެ ބަނދަރު މަރާމާތުކުރުމާއި، 12 މޫރިން ބޮއި ހަރުކުރުން ހިމެނެއެވެ. އަދި، 324 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، އަށް މީޓަރުގެ ސަބްމާރޖް ބްރޭކްވޯޓަރ ޖެހުމާއި، 270 މީޓަރުގެ ރިވެޓްމަންޓް ޖެހުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، ބަނދަރުގައި ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރުން ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. އެގޮތުން، 12 ބަނދަރު ބައްތި ހަރުކުރުމާއި، ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 3،170 އަކަމީޓަރުގެ ޕޭވްމެންޓް ހެދުން ހިމެނެއެވެ.
އަދި، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮށްޓާ އިންވެގެން 100 މީޓަރު ދިގު، ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.




