ރާއްޖޭގެ 55 ރަށުގައި އަޅަން ނިންމާފައިވާ ކައުންސިލް އިދާރާގެ އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، ކައުންސިލް އިމާރާތްތައް ޢިމާރާތްކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން މިހާރު ވަނީ 42 ރަށަކަށް ތަކެތި މޮބިލައިޒްކުރެވިފައި ކަމަށާއި، 38 ރަށެއްގައި ކައުންސިލް އިމާރާތްތައް އެޅުމަށް ބޭނުންވާ ސާމާނު ސައިޓަށް ފޮނުވާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، އަންނަ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން މި ހުރިހާ އިމާރާތްތައް ނިމި، ކައުންސިލްތަކުގެ ޚިދުމަތްތައް ފެށޭނެ ކަމަށެވެ.
ރަށްރަށުގެ ކައުންސިލް އިމާރާތްތައް އަޅަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 55 ރަށެއްގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެވެ.
މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރެވުނީ މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެވެ. ނަމަވެސް، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުގެ ސަބަބުން، ކުރެވުނު އެ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.



