ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާއަށް ޅ. ނައިފަރުން 500 އަށް ވުރެ ގިނަ މީހުން މާލެ އަންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސްފައިވާ ކަމަށާއި، މިއަދުގެ މެންދުރު ކުރީގެ ވަގުތެއްގައި ނުވަ ލޯންޗެއްގައި 380 މީހުން މާލެ އައިސްފައިވާ ކަމަށެވެ. މެންދުރު ފަހުން އަންނަ މީހުންނާއެކީ ނައިފަރުން އަންނަ މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ނައިފަރުން ވަރަށް ހެނދުނާ އެއް ލޯންޗު މާލެ އައިސްފައިވާއިރު، އޭގެ ފަހުން މިއަދު 11 ޖަހާކަންހާއިރު ފުލުފުލުގައި 8 ލޯންޗު މާލެ އައިސްފައިވެއެވެ. މިއިން ކޮންމެ ލޯންޗެއްގައި 50 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށްވެއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އެއް ރަށަކުން އެންމެ ގިނަ ބަޔަކު މާލެ އައީ ނައިފަރުންނެވެ.
ނައިފަރުގެ އިތުރުން، ފ. ނިލަންދޫ އިން ކަނޑު ބޯޓެއްގައި އައި މީހުންގެ އަދަދު 200 އާ ގާތްކުރެއެވެ. ނިލަންދޫގެ އިތުރުން އެ އަތޮޅު ބިލެތްދޫ، ފީއަލީ އިން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަލްސާގައި ބައިވެރިވުމަށް މާލެ އައިސްފައެވެ.
މި ތިން ރަށުގެ އިތުރުން ބ. އޭދަފުށި، ތ. ވިލުފުށި، ށ. ކޮމަންޑޫ ފަދަ ރަށްރަށުން ވެސް މީހުން މިއަދު މާލެ އައިސްފައިވެއެވެ. އަދި އައްޑޫ ސިޓީއާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫން އެކަނި ވެސް މިއަދު 256 މީހުން މާލެ އައިސްފައިވާއިރު، ތިނަދޫ ސިޓީން ވެސް 46 މީހުން މާލެ އައިސްފައިވެއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ، ހއ. ހޯރަފުށި، ހއ. ފިއްލަދޫ ފަދަ ރަށްރަށުން ވެސް މީހުން މާލެ އައިސްފައިވެއެވެ.
އަދި މިއަދުގެ އެކި ވަގުތުތަކުގައި ކ. އަތޮޅާއި އދ. އަތޮޅާއި ލ. އަތޮޅާއި ޅ. އަތޮޅާއި މ. އަތޮޅާއި ބ. އަތޮޅާއި އއ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅު ވެސް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު މާލެ އައުމަށް ހަމަޖެހިފައިވެއެވެ.
މި ޖަލްސާގައި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ މާލެ އަންނަން ފަށައިފައެވެ.
ޕީއެންސީގެ މި ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި އޮންނައިރު، މިއީ ޕީއެންސީން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޖަލްސާގައި ހަމައެކަނި ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައި އޮތީ ވެސް ރައީސް ޑރ. މުއިއްޒެވެ.
މިރޭ 20:30 ގައި އޮންނަ މި ޖަލްސާއަށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެންސީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުން ޖަލްސާ އަށް ދާނީ ގައުމުގެ މިސްރާބު ރަނގަޅަށް ދާ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.




