ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖުތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ ގުޅިގެން މަސައްކަތްކޮށްފިނަމަ ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުން އެންމެ ދުރުހެލި، އަދި މިފަދަ ބަލިތަކަށް އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ލަނޑުދަނޑި ޙާޞިލުކުރެވޭނެ ކަމަށެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ނޮވެންބަރު މަހުގެ 14 ވަަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ހަކުރު ބަލިން ރައްކާތެރިވުމާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމެވެ. އަދި ބަލި ތަޙައްމަލުކުރާ މީހުންގެ ދިރިއުޅުން ބައްޓަންކުރަންޖެހޭ ގޮތާ މެދު ހޭލުންތެރިކަން އުފެއްދުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.
ހަކުރުބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކުން ހަކުރު ކޮންޓްރޯލްކޮށް ބައްޔާއެކު ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ވަކިގޮތަކަށް ދިރިއުޅުން ބައްޓަން ކުރަންޖެހެއެވެ. މީގެ ތެރޭގައި ޙާލަތު ދެނެގަތުމަށް، ހަކުރު ކޮންޓްރޯލް ކުރެވިފައިވާ ކަން ކަށަވަރުކުރުމަށް އަދި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުން ހިމެނެއެވެ.
މީގެ އިތުރުން، ކެއިންބުއިން ވަކިގޮތެއްގައި ބެހެއްޓުމާއި ޤަވާޢިދުން ކަސްރަތުކުރުމަކީވެސް ބަލިން ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ކުރުން މުހިންމު ކަމެކެވެ.




