މި ސަރުކާރުގެ މިދިޔަ ދެ އަހަރުގެ ތެރޭގައި ސިޔާސީ ބޭނުމެއްގައި އެއްވެސް ވާދަވެރި ސިޔާސީ ލީޑަރަކު ޖަލަށް ލާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެެއްޖެއެވެ.
ޕީއެންސީ އަށް ދެ އަހަރު ފުރުމުގެ މުނާސަބުގައި އާޓިފިޝަލް ބީޗްގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ، މިއީ ސަރުކާރުން ގެންގުޅުއްވާ އޯގާތެރިކަމުގެ ސިޔާސަތާއި، ރައްޔިތުންގެ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަންނަވަނީ ވަރަށް ބޮޑު ހިތްވަރާއެކު، ގިނަ ގޮންޖެހުންތަކެއް ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި ރައީސްގެ ވެރިކަމުގައި އެތައް ހާސް އޯގާތެރި ވާހަކަތަކެއް ފެނިގެން ގޮސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ވާދަވެރި ފަރާތްތަކަށް ވެސް ހައްޤުތައް ކަށަވަރުކޮށްދެއްވުން ހިމެނޭ ކަމަށެވެ.
”މިދިޔަ ދެ އަހަރު މިކަހަލަ އެތައް ހާސް ވާހަކައެއް ދައްކަން އެބަހުރި.“ ހީނާ ވިދާޅުވިއެވެ.
މިގޮތުން މި ސަރުކާރުގެ ދެ އަހަރު ތެރޭގައި ކުރި ބައެއް ކަންކަން ހީނާ ހިއްސާ ކުރެއްވިއެވެ.
- އައިނު ހެދޭނެ ގޮތް 2،000ރ. އަށް ބޮޑުކޮށްދެއްވުން
- އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންގެ އެލަވަންސް ބޮޑުވުން
- ތެލެސީމިއާ ކުދިންނަށް ހުޅުމާލޭގައި ތަނެއް ގާއިމުކޮށްދިނުން
- 100 ދުވަހުގެ ތެރޭގައި އައިޔޫއައި އަދި އައިވީއެފް ހެދޭނެ މަގު ފަހިކޮށްދިންއިރު، އައިވީއެފް ހެދި 23 ފަރާތެއް ކާމިޔާބުވެފައިވުން
- އެކަނިވެރި މައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން ބޮޑުވާނެ
- އަންހެނުންނަށް ލޯން ލިބޭ ގޮތް ހަމަޖެއްސެވިއިރު، ކުންފުނިތަކުގައި އަންހެނުންގެ ހިއްސާ އިތުރުކޮށްދިނުން
ހީނާ ވިދާޅުވީ، ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.




