ފަލަސްތީނަށް އަނިޔާވެރިވާހާ ހިނދަކު، އިސްރާއީލަކަށް ރާއްޖެއަކުން މަރުހަބާ ނުކިއާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހެން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށްވާ ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އެކުވެރިކަމާއެކު ރާއްޖެއާއެކުގައި ކުރިއަށްދާން ބޭނުންވާ ކޮންމެ ގައުމަކާ އެކީގައި ގުޅުން އޮންނާނެ ކަމަށެވެ. ނަމަވެސް އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ނިންމެވުމާއެކު، އެ ގައުމަށް މަރުހަބާ ނުކިޔާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ފަލަސްތީނަށް އަނިޔާވެރިވާހާ ހިނދަކު، އިސްރާއީލް ފިޔަވައި ހުރިހާ ގައުމަކަށް މަރުހަބާ ކިއާނެ. މިތަނުގެ ރީތި ބީޗުތަކަށް މަރުހަބާ ނުކިއާނަން ،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދިޔަ ހަމަލާތަކާއި ގުޅިގެން އިސްރާއީލުގެ އެއްވެސް މީހަކު ރާއްޖެ އެތެރެ ނުވެވޭ ގޮތަށް، ގާނޫނަށް ބަދަލު ގެނެސްގެން އިސްރާއީލް ޕާސްޕޯޓް ބޭން ކޮށްފައެވެ. ނިރުބަވެރި އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހުން އޭޕްރިލް 15 ވަނަ ދުވަހު ފާސްކުރި ބިލް، ރައީސް ޑރ. މުއިއްޒު ވަނީ ހަމަ އެ ދުވަހު ތަސްދީގުކުރައްވައިފައެވެ. މިއީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހެވެ.
ރައީސް ވިދާޅުވިގޮތުގައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމުން ވަރަށް ބޮޑެތި ފިއްތުންތައް އައެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދެއްވައި، ރައީސް ވަނީ މި ނިންމެވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ދެމުން އަންނައިރު، މިދިޔަ އޮކްޓޯބަރު މަހުގެ 10 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަމުން ދިޔަ ނަމަވެސް، ނިރުބަވެރިން އަދިވެސް ވަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.



