ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވި ބޮޑު ޖަލްސާ، އެތައް ހާސް ސަޕޯޓަރުންގެ ބައިވެރިވުމާއެކު ނިންމާލައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި 10،000 އަށް ވުރެ ގިނަ މީހުން މި ޖަލްސާގައި ބައިވެރިވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވަމުންދާ ދެ އަހަރު ދުވަހުގެ ތެރޭގައި ޤައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި، ގެނެސްދެއްވި ތަރައްޤީގެ އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާއެކެވެ.
”ދިވެހީންގެރާއްޖެ“ ގެ ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ރޭ 8:30 ގައި ޖަލްސާ ފެށުނު ނަމަވެސް އެ ވަގުތުގެ މާކުރިން މުޅި ބީޗު ސަރަހައްދު ވަނީ ޖަލްސާއަށް ހާޒިރުވީ މީހުންނާއެކު ފުރިފައެވެ. ސަޕޯޓަރުންގެ ގިނަކަމުން ބީޗާއި ބައެއް މަގުތައް ވެސް އޮތީ ފުރިފައެވެ.
މިރޭގެ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގެ ރަށްރަށުން ގިނަ އަދަދެއްގެ ރައްޔިތުން މާލެ އައިސްފައިވާއިރު، މި ބޮޑު އެއްވުމަކީ ޕީއެންސީއަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދައްކުވައިދިން އެއްވުމެއްގެ ގޮތުގައި ޕާޓީން ސިފަކުރައްވައެވެ.



