ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން އިސްނަގައިގެން މިއަދު ކުރިއަށްގެންދިޔަ ޚާއްސަ ހިނގާލުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މާލޭގެ ސްކޫލްތަކާ ގުޅިގެން ބޭއްވި މި ހިނގާލުން ފެށިފައިވަނީ އަމީނިއްޔާ ސްކޫލުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތަކުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވިދާޅުވީ، މި ހިނގާލުމަކީ އަންހެން ކުދިންގެ ޝުޢޫރުތަކާއި މުސްތަޤުބަލާމެދު ގެންގުޅޭ ތަސައްވުރުތައް ހިއްސާކުރުމާއި، އަންހެން ކުދިންގެ އިސްނެގުން ރަމްޒުކޮށްދިނުމުގެ ބާއްވާ ހަރަކާތެއްކަމަށެވެ.
މީގެ އިތުރުން، ގައިޑް ހަރަކާތުގެ ތެރެއިން ދަސްކޮށްދޭ ކަންކަމަކީ އަންހެން ކުދިން ދިރިއުޅުމަށް ތައްޔާރުކޮށްދޭ މުހިންމު ހަރަކާތްތަކެއްކަން ޗީފް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވަނީ ހުރިހާ ކުދިންނަށްވެސް އިލްތިމާސްކުރައްވާފައެވެ.
”ލިބޭ ޢިލްމާއި ތަޖުރިބާގެ އަލީގައި ކެރޭ ލީޑަރުންގެ ގޮތުގައި މުޖުތަމަޢުގައި ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި މަސައްކަތްކުރާ ނަމޫނާ ކުދިންކަމުގައި ތިބުމަށް ހުރިހާކުދިންނަށް އިލްތިމާސްކުރަން.“ ނަޝީދާ އޭނާ ވިދާޅުވިއެވެ.
މާލޭގައި ކުރިއަށްގެންދިޔަ މި ހިނގާލުން ފެށިފައިވަނީ ޗާންދަނީ މަގުން މަޖީދީމަގަށް ގޮސް، މަޖީދީ މަގުން ސޯޝަލް ސެންޓަރާއި ހަމައަށެވެ. މި ހަރަކާތުގައި މާލޭގެ އެކި ސްކޫލްތައް ހިމެނޭހެން ގިނަ އަދަދެއްގެ ގަރލް ގައިޑުން، ލިޓްލް މެއިޑުން، ސްޓަރރުން، ޔަންގް ލީޑަރުން އަދި ލީޑަރުން ވަނީ ބައިވެރިވެފައެވެ.
ހިނގާލުމުގައި ބައިވެރިވި އަންހެން ކުދިން ވަނީ އެކުދިންގެ ތަފާތު ޝުޢޫރުތަކާއި ކުރިމަގަށް ކުރާ އުއްމީދު ދައްކުވައިދޭ ތަފާތު ބެނާތަކާއި ޕޯސްޓަަރުތައް ބޭނުންކޮށްފައެވެ. މާލޭގެ އިތުރުން ހުޅުމާލޭގެ ސިންތެޓިކް ޓްރެކުގައިވެސް މިއަދު މި ހިނގާލުން ކުރިއަށް ދިޔައެވެެ.
ބައިނަލްއަޤުވާމީ ގޮތުން އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފެށީ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ގެނައުމަށާއި، އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.
މި އަހަރުގެ ޝިއާރަކީ ”ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް“ އެވެ.



