ރާއްޖޭގެ ތަރީހުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ސޮއިކޮށްލަން ލިބުމަކީ އުފަލެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީއިން ވަކިވެވަޑައިގެން މަހުލޫފް ވަނީ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައި ޕީއެންސީއަށް ސޮއިކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޯމު ހަވާލުކުރައްވަފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވީ މިއީ ފުރަތަމަ ފަހަރު ކަމަށާއި، އެނބުރި އައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށާއި، ބަދަލުވެފައި އޮތީ ހަމައެކަނި ޕާޓީގެ ނަން ކަމަށެވެ.
މަހްލޫފް ވަނީ އެނބުރި އައުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއާއި ޕާޓީގެ އެންމެހާ މެންބަރުން ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާގެ މަސައްކަތް ބަލައިގަނެ އަގުވަޒަންކޮށް ދައުވަތު ދެއްވީތީ ވަރަށް އުފާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މި ނިންމުމަށް ހިތްހަމަނުޖެހުނު ފަރާތްތަކުން މަޢާފަށް އެދި، މަރުހަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ، މިދިޔަ ފަސް އަހަރު އެމްޑީޕީގައި އޭނާ ވަރަށް އެކްޓިވްކޮށް، އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެއްވި ނަމަވެސް، ޕާޓީއެއްގެ ގޮތުގައި، އާއިލާއެއްގެ ގޮތުގައި ނުވަތަ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހެއް އެމްޑީޕީގައި ނުފެނުނު ކަމަށާއި، އެކަން ކުރަން ޖެހިވަޑައިގަތީ ވަރަށް އުނދަގުލުގައި ކަމަށެވެ.



