މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,923,496 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,750,249 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި އެންމެ ކުރީގައި އޮތީ ޗައިނާއެވެ. ޗައިނާއިން 303,035 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ދެވަނައިގައި އޮތީ 242,542 ފަތުރުވެރިންނާއެކު ރަޝިއާއެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން 171,213 ފަތުރުވެރިން، ޖަރުމަނުވިލާތުން 144,278 ފަތުރުވެރިން އަދި އިޓަލީވިލާތުން 125,582 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން (73.7 އިންސައްތަ) ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. މީގެ އިތުރުން، ގެސްޓް ހައުސްތަކުގައި 21.5 އިންސައްތަ ފަތުރުވެރިން އަދި ހޮޓެލްތަކުގައި 2.6 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މުޅި ޖުމްލަ 1295 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީ 66,235 އަށް އަރައެވެ.
މީގެ ތެރޭގައި ރިސޯޓުތަކުން 44,247 އެނދާއި، ގެސްޓް ހައުސްތަކުގެ 16,068 އެނދާއި، ސަފާރީތަކުގެ 3,322 އެނދުގެ އިތުރުން ހޮޓާތަކުގެ 2,598 އެނދު ހިމެނެއެވެ.




