ޑިޒައިން އެންޑް ބިލްޑް ގެ އުސޫލުގެ ދަށުން، މަހިބަދޫ ދެވަނަ ފިޔަވަހީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ.
މި މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އާރްޑީސީއާ މި މަސައްކަތްހަވާލުކޮށްފައިވަނީ 420 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މިއީ ދައުލަތުގެ ބަޖެޓުން 4.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާއިރު، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރަށްރަށުގެ މުހިންމު މުއައްސަސާތައް ހުންނަ މަގުތަކާއި، އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް އަލުން ހެދުމަށެވެ.
މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ މުހިންމު ވަސީލަތްތައް ވެސް ޤާއިމްކުރެވޭނެއެވެ.