ހއ. ދިއްދޫގައި ތަރައްޤީކުރަމުންދާ ބޮޑު އިސްލާމީ މަރުކަޒު މިމަހު ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
1500 މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކުރާ މި މަރުކަޒު ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ހުކުރު ނަމާދަށެވެ.
މި މަރުކަޒަށް ނަން ދީފައިވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި، އޭރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ނިސްބަތްކޮށެވެ.
ޝަހީދު ޢުމަރު އަޙްމަދު ނިސްބަތްވަނީވެސް ހއ. ދިއްދޫއަށެވެ. މި ނަމަކީ ދިއްދޫ ރައްޔިތުންގެ ޤުރުބާނީއާއި ގުޅިފައިވާ ނަމަކަށްވުމުން، މި މަރުކަޒުގެ ނަމަކަށް މި ނަން ކަނޑައެޅުމަކީ ރަށުގެ ރައްޔިތުންނަށް ލިބުނު ޝަރަފެއްކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމީ މަރުކަޒު ހުޅުވޭ ދުވަހު ހަމަ އެތާ އިސްލާމީ ލައިބްރަރީއާއި ޤުރުއާން މަރުކަޒުގެ އައުޓްރީޗް ސެންޓަރު ވެސް ހުޅުވޭނެ ކަމަށެވެ.
50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއެވެ.
މި މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމެއް ހުންނާނެއެވެ. މީގެ އިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގައެއްވެސް ހިމެނެއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ތަރައްޤީކުރަނީ ރަށުގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެކެވެ.
އާބާދީގައި 7000އެއްހާ މީހުން ދިރިއުޅޭ ދިއްދޫގައި މި ވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރުކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެކެވެ.




