ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފި އެވެ.
އައްޑޫ ސިޓީ ހިތަދޫގައި މި ސްޓޭޝަން ގާއިމުކުރަން ނިންމިއިރު، މި ނިންމުމަށް ސަރުކާރުން ދެންމެ ވަނީ މަރުހަބާ ކިޔާފައެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އައްޑޫ ސިޓީ ހިތަދޫގައި އިންޓަރނޭޝަލަލް ސަބްމެރިޔް ކޭބަލް ލޭންޑިންގް ސްޓޭޝަންއަކާއި ނެޓްވަރކް ފެސިލިޓީއެއް ޤާއިމުކުރުމަށް ގޫގުލްއިން ނިންމުމާއި ގުޅިގެން އެކަމަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ.
2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީޢަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މި ތާރީހީ މަޝްރޫއަކީ، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮޮދާޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމުކުރެވޭ މި ފެސިލިޓީ ވެގެންދާނީ ބައިނަލްއަޤުވާމި ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ޤާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ.
އަދި މި މަޝްރޫޢުގެ ސަބަބުން، ދިވެހިރާއްޖެ ވެގެންދާނީ އޭސިއާ, އޯޝޭނިއާ, އެފްރިކާ, މެދުއިރުމަތި، އަދި ޔޫރަޕު ގުޅުވައިދޭ އިތުބާރުހުރި ޑިޖިޓަލް ހޭޓްވޭއެއްގެ ގޮތުގައެވެ.
މިއީ، އިންޑިއާ ކަނޑުގައި ޤާއިމުވެގެންދާ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ދިވެހިރާއްޖެ މައި ހަބެއްގެ ގޮތުގައި ޤާއިމްވުމަށް ލިބިގެންދާ ފުރުޞަތެއް ކަމަށާއި، މާލޭގެ އިތުރުން ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކުރެވޭ މި އިންޓަރނޭޝަލަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު، ދިވެހިރާއްޖޭގެ އިގްތިޞާދީ ތަރައްޤީއަށް މަގުފަހިވެ، ސަރަހައްދީ މުވާޞަލާތީ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަސްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށެވެ.
އަދި ކްލައުޑް ސަރިވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްރޮވޮޖީ ސްޓާރޓް-އަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު އޮތް މިންވަރު ދައްކުވައިދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަސްރޫޢަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިޞާދު ސިންދަފާތުކޮށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މަސްރޫޢެއްކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި، މި މަސްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ތަޖުރިބާކުރު ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާއެކުގައެވެ.
މި އިންވެސްޓްމަންޓަކީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ އެޖެންޑާއް އެއްގޮތްވާ ގޮތުގެމަތިން، ޑިޖިޓަލް އިންޤިލާބީ ބަދަލުތައް ގެނުވައި، ޢުމްރާނީ ތަރައްޤީއަށް މަގުފަހިވެގެންދާނެ އިންވެސްޓްމަންޓެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އިންޑިޔާގެ ކަނޑުގެ ސަރަޙައްދުގައި ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށާއި ޑިޖިޓަލް ކަނެކްޓިވިޓީގެ ވިލުންވެރިކަން އިތުރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
މިނިސްޓްރީން އިތުރަށް ބުނިގޮތުގައި ސަރުކާރުގެ ފަރާތުން މި ފުރުޞަތުގައި ގޫގުލްއިން ދިވެހިރާއްޖެއަށް ކުރާ އިތުބާރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ. އަދި ގޫގުލްގެ މިއިންވެސްޓްމަންޓްގެ ސަބަބުން ދިވެހިރާއްޖެއްދެ މީގެ ކުރިން އުފެދިފައިނުވާ ޔަޤީންކަމާއި އިތުބާރު އިންވެސްޓަރުންގެ މެދުގައި އުފެދިގެންދާނެއެވެ.
މިނިސްޓްރީން ވަނީ، މި އިންޤިލާބީ މަސްރޫއު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.



