ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު، މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިޔަން ދުއިސައްތަ ދެ މިލިޔަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ.
މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.4 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓުގެ ބޮޑުބައެއް ވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ޚާއްސަކޮށްފައެވެ. މިކަމަށް އެކަނި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، މި ޚަރަދު ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ބަޖެޓު ދިރާސާކުރުމުގެ މަރުހަލާގައި އެކި އިދާރާތަކާއި މާލީ ވުޒާރާއާ ވަނީ މަޝްވަރާތައް ކޮށްފައެވެ. މި މަޝްވަރާތަކަށްފަހު މުޅި ޖުމްލަ ބަޖެޓަށް ބަދަލު ނާންނަގޮތަށް ބައެއް އިސްލާހުތައް ކޮމިޓީން ފާސްކުރިއެވެ. އެގޮތުން، މަޖިލީހުގެ އިދާރާގެ ބަޖެޓަށް ޚާއްސަ ބަޖެޓުގެ ތެރެއިން 3.5 މިލިޔަން ރުފިޔާ އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ.
އަދި ދައުލަތުގެ އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައި، ކުއްޔަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށްވެސް ކޮމިޓީން ވަނީ އެންގުމަށް ފާސްކޮށްފައެވެ.
މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް، މާލީ ވުޒާރާއިން ވަނީ އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަހޯދައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން މަޖިލީހަށް ދެއްވާފައެވެ.
ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.
މި ބަޖެޓް ފާސްކުރުމުގެ އެންމެ ފަހު މަރުހަލާގައި، ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މެންބަރުންގެ މެދުގައި ބަހުސްކުރުމަށް ވަނީ ހަމަޖެހިފައެވެ.



