މާލެ ސަރަހައްދުގައި ގާއިމްކުރެވުނު ފުރަތަމަ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ކަމަށްވާ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު (ޔޫޕީއެޗްސީ) ރަސްމީކޮށް ހުޅުވައިފިއެވެ.
މާފަންނު ރަސްފަންނު ސަރަހައްދުގައި، އެސްޓީއޯ ހެޑް އޮފީހުގެ ދެކުނު ފަރާތަށް ވާ ގޮތަށް ގާއިމްކޮށްފައިވާ މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަކީ މާލެ ސަރަހައްދުގައި ގާއިމްކުރި މިފަދަ ފުރަތަމަ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ކަމަށްވާއިރު، މިތަނުގައި ވަރަށް ގިނަ ޚިދުމަތްތައް ވަނީ ހިމަނާފައެވެ. މިގޮތުން، ފާމަސީއަކާއި، ބަލިމީހުން ބަލާ ރޫމްތަކާއި، އެކްސްރޭ ނެގޭނެ ޚިދުމަތާއި، ވައިޓަލްސް ޗެކް ކުރާ ރޫމް އާއި، ޕްރޮސީޖަރ ރޫމް އާއި، ފަރުވާދޭ ރޫމްތައް ހިމެނެއެވެ. އަދި ޚާއްސަކޮށް ކައުންސެލިންގ ދިނުމަށް ވެސް ވަކި ރޫމްތަކެއް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، މި ސެންޓަރުގައި ޚާއްސަ ޗައިލްޑް ހެލްތު ކްލިނިކަކާއި، ވެލްނެސް ކްލިނިކެއް ވެސް ވަނީ ގާއިމްކޮށްފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މިފަދަ އަރބަން ކްލިނިކްތައް ހުޅުވިގެން ދިއުމާއެކު، ހޮސްޕިޓަލްތަކުގެ އީއާރަށް އޮންނަ ބާރު ކުޑަކުރެވިގެންދާނެއެވެ. އައިޖީއެމްއެޗުން ވެސް ވަނީ މި ކްލިނިކް ހުޅުވުމަކީ އީއާރުގައި ދިގު ކިއުތައް އޮންނަ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ބުނެފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ދަނީ މާލެ ސަރަހައްދުގައި މިފަދަ އިތުރު 5 ކްލިނިކް ގާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިގޮތުން، އިތުރު 3 ކްލިނިކް މާލޭގެ އެކި އަވަށްތަކުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު، އަނެއް 2 ކްލިނިކް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.



