ހުޅުމާލޭ މާސްޓަރ ޕްލޭނާ އެއްގޮތަށް، ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި، އެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަހު ފުރުސަތު ދީފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެކި ފަހަރުމަތިން އާއްމުކޮށް އަންގައި އިޢުލާނުކޮށްފައިވާނެ ކަމަށެވެ.
އެޗްޑީސީއިން ބުނިގޮތުގައި އެ ކޯޕަރޭޝަނުން މީގެ ކުރިން ކޮށްފައިވާ އިޢުލާނުތަކުގައި، އުޅަނދުތައް ނެގުމަށް އެކި ފަހަރުމަތިން މުއްދަތުތަކެއް ދީފައިވާ އިރު، 9 ނޮވެމްބަރު 2025 ގައި އާއްމުކުރި އިޢުލާނުގައި، އެ އުޅަނދުފަހަރުތައް ތިލަފުށި، ގުޅީފަޅު، އަދި ކުޑަދިރިން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި އެޅުމުގެ ފުރުޞަތު ފަހިކޮށް ދީފައިވެއެވެ.
ނަމަވެސް، އެޗްޑީސީން ބެލި ބެލުމުން، ހުޅުމާލޭ ފަޅުތެރޭގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކެއް ދެވިފައިވާ މުއްދަތުގައި ނަގާފައިނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ވީމާ، އެޗްޑީސީން ވަނީ މި އިޢުލާނުގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް 22 ނޮވެމްބަރ 2025 ގެ 15:30 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް އާއްމުކޮށް އަންގާ އިޢުލާނުކޮށްފައެވެ.
އެޗްޑީސީން އިތުރަށް ބުނީ، 22 ނޮވެންބަރު 2025 ގެ 15:30 ގެ ފަހުން މި އިޢުލާނުގައިވާ ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުނަގާ އުޅަނދުތައް، އެ ކޯޕަރޭޝަނުން ނަގާނެ ކަމަށެވެ.
އަދި މިގޮތަށް އުޅަނދު ނެގުމުގެ ތެރޭގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ވާހަކަ ވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.




