ދުންފަތް ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ ”ގްލޯބަލް ސެންޓާ ފޯ ގުޑް ގަވަނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)“ އިން ރާއްޖެއަށް ”އިންޓެގްރިޓީ އެވޯޑް“ ދީފިއެވެ.
މި އެވޯޑް ރާއްޖެއަށް ހަވާލުކޮށްފައިވަނީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ”ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފްސީޓީސީ)“ ގެ ގަވަނަންސް ބައްދަލުވުން ކަމުގައިވާ، ”ކޮންފަރެންސް އޮފް ދަ ޕާރޓީސް (ކޮޕް)“ ގެ 11 ވަނަ ސެޝަންގެ ހަވާސާގަ އެވެ.
ރާއްޖެއަކީ އެފްސީޓީސީގެ މެންބަރު ޤައުމެކެވެ.
ރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ސަލްމާ ރަޝީދު އެވެ.
ޖީޖީޓީސީ އަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ޤައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތައް ތަންފީޒުކުރާގޮތް ދިރާސާކުރާ ޖަމިއްޔާއެކެވެ.
ރާއްޖެއަށް މި އެވޯޑް ދިނުމުގައި އެ ޖަމިއްޔާއިން ރިޢާޔަތްކުރި ކަންކަމުގެ ތެރޭގައި، ކޮންމެ ދެ އަހަރަކުން އެއް ފަހަރު ޝާޢިޢުކުރާ ”ޓޮބޭކޯ އިންޑަސްޓްރީ އިންޓަފަރެންސް އިންޑެކްސް“ ގައި ރާއްޖެއަށް ލިބިފައިވާ ސްކޯ ހިމެނެއެވެ. މި އިންޑެކްސްއިން ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކަކީ ދެފުށް ފެންނަ، އިޚްލާޞްތެރި އަދި ދުންފަތުގެ ސިނާޢަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާޔަތުތަކެއްކަން ކަށަވަރުކުރެއެވެ.
މި އެވޯޑާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ، މި އެވޯޑުން ހާމަވެގެންދަނީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މޭސްތިރިކަމުގައި، ދިވެހި ރައްޔިތުން ދުންފަތުން ރައްކާތެރި ކުރުމަށާ ދިވެހިންގެ ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކަކީ، ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ ނަމޫނާ ސިޔާސަތުތަކެއް ކަމަށެވެ.



