ފިކުރީ މުދާ ޙިމާޔަތްކުރުމަށްޓަކައި ޚާއްޞަ ”ޕޭޓަންޓާ“ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، މިމަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ފިކުރީ މުދަލާއި ބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.
”ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން“ގެ ކޮންސަލްޓަންޓް ހެރްމަން ކޯރޓެސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ޓްރޭޑްމާކު ބިލް ޤާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާ ކަމަށެވެ.
ފިކުރީ މުދަލާއި ރައްޔިތުންގެ މުދާ ޙިމާޔަތްކުރުމުގައި ޒަމާންތަކެއްވަންދެން އެތައް ބައެއްގެ ކަންބޮޑުވުމާއި ގުޅިފައިވާ ފިކުރީ މުދަލުގެ އަދި ކޮޕީރައިޓްގެ މައްސަލަތަކާއި ގުޅިފައިވާ މުހިއްމު މަސައްކަތްތަކެއް ޤާނޫނީގޮތުން މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައިވަނީ ކުރައްވާފައެވެ.
އެގޮތުން ކޮޕީރައިޓް ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙުތަކަކީ ޒަމާނާއި ގުޅޭ އަދި އުފެއްދުންތެރިންނާއި ފަންނުވެރިންގެ ބުރަ މަސައްކަތްތަކާއި އަދި އެފަރާތްތަކުގެ ޙައްގުތައް ހިމާޔަތްކުރެވޭނެ ފަދަގޮތަކަށް ގެނެސްފައިވާ އިސްލާޙުތަކެއްކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.
މިދާއިރާއިން ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއިންވަނީ މިހާރު ލިޔުންތެރިކަމާއި ފަންނުވެރިކަން ހިމާޔަތްކުރުމަށްޓަކައި 1979 ވަނަ އަހަރު އެކުލަވާލާފައިވާ ”ބާން ކޮންވެންޝަން“ގައި ރާއްޖެއިން މިހާރު ބައިވެރިވެފައިވާ ކަމަށެވެ.
އަދި މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން ޙާސިލުކޮށްފައިވާ މުހިއްމު މަސައްކަތްތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިއީ ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ސަރުކާރުން ވީ ވަޢުދު ފުދިގެންދާ މަންޒަރުތައްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ހުށައެޅި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ތަސްދީޤުކުރައްވާފައެވެ.
އަދި މިމަހުގެ ތެރޭގައި ސަރުކާރުން ހުށައެޅި ފިކުރީ މުދާ ޙިމާޔަތްކުރުމުގެ ބިލް ކަމުގައިވާ ޓްރޭޑްމާކް ބިލް މަޖިލީހުންވަނީ ފާސްކޮށްފައެވެ.




