ފަލަސްތީނުގެ ޒުވާން ޤައުމީޓީމާ ރާއްޖޭގެ ޓީމް ކުޅުނު އެކުވެރިކަމުގެ ދެމެޗްގައި ވިއްކި ސްވެނިއާ ޓިކެޓްތަކުން ލިބުނު ފައިސާ، ފަލަސްތީނުގެ ޤައުމީޓީމާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ހަފްލާގައި އެފްއޭއެމުން ވަނީ ފަލަސްތީނު ޓީމަށް ފައިސާގެ އެހީ ދިންކަމުގެ ރަމްޒީ ލިޔުން ހަވާލުކޮށްފައެވެ.
ސްވެނިއާ ޓިކެޓްތައް ވިއްކައިގެން ޖުމްލަ 300،000 ރުފިޔާ ލިބުނުއިރު، އެފްއޭއެމުން ވަނީ އެ ފައިސާއަށްވާ 19,455.25 ޑޮލަރު، ފަލަސްތީނުގެ ޓީމަށް ހަދިޔާކުރުމަށް ނިންމާފައެވެ.
މި އެހީ ދިނުމުގެ ރަސްމިއްޔާތުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ފަލަސްތީނަށް އެހީވުމުގެ ގޮތުން މި ސްވެނިއާ ޓިކެޓްތައް ގަތް ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. މި ފައިސާގެ އެހީއަކީ ފަލަސްތީނުގެ ފުޓްބޯޅައަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ލިބުނު ވަރަށް ބޮޑު އެއްބާރުލުމެކެވެ.
އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޒުވާން ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އައިސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ފަލަސްތީނު ޓީމް ރާއްޖެއަށް ކުރި ޒިޔާރަތުގައި ވަނީ ރާއްޖޭގެ ޓީމާއެކުު ދެ އެކުވެރިކަމުގެ މެޗް ކުޅެފައެވެ.
ފަލަސްތީނުގެ ޓީމް ރާއްޖެކުރި އެ ޒިޔާރަތަކީ އޭޝިއަންކަޕް ކޮލިފައިންގައި އެޓީމް ކުޅެންޖެހޭ މެޗްގެ ކުރިން ތަމްރީނުތައް ހަދައި ރާއްޖޭގެ ޤައުމީޓީމާއެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށް ކުރި ޒިޔާރަތެކެވެ.
ފަލަސްތީނުގެ ޓީމު މިހާރު ތައްޔާރުވަމުންދަނީ އޭއެފްސީ ކަޕް ކޮލިފައިން މެޗްތަކަށެވެ. މި މެޗްތައް އޮންނާނީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައެވެ.


