ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް އިތުރު 25،500 މުސްޙަފް ހަދިޔާކޮށްފިއެވެ.
މި މުސްޙަފްތައް ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އާއި ސަޢުދީ އެމްބަސީގެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ރާއްޖެއާއި ދެމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިއަދު ހަދިޔާކުރެއްވި މުސްޙަފްތަކުގައި ބޮޑެތި މުސްޙަފްވެސް ހިމެނެ އެވެ. މިނިސްޓްރީން ބުނާ ގޮތުގައި މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.
މިއަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިން ވަނީ ރާއްޖެއަށް ޖުމްލަ 50،500 މުސްޙަފް ހަދިޔާކޮށްފައެވެ.




