މާލޭގައި އަލަށް ހުޅުވި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން އަންނަ ހޮނިހިރު ދުވަހު އާންމުކޮށް ޚިދުމަތް ދޭން ފަށާނެ ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، މި މެޑިކަލް ސެންޓަރުން ޞިއްޙީ އާންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި، މެޑިކަލް ޗެކަޕްތައް ހެދުމާއި، އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތްތައް ދޭނެއެވެ. މި ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި، ކުޑަކުދިންގެ ހެލްތު ކްލިނިކާއި، ވެލްނެސް ކްލިނިކެއް ވަނީ ގާއިމްކޮށްފައެވެ.
ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭނެއެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ޖީޕީ ކްލިނިކްގެ ޚިދުމަތްތައް
ޖީޕީ ކްލިނިކްގެ ދަށުން ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތާއި، އާންމު ބަލިތަކަށް ފަރުވާ ދިނުން، ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން، ބޭސް ސިޓީ އައުކުރުން، ކުދި ޕްރޮސީޖާތައް ހެދުން އަދި އެކްސްރޭ ނެގުން ހިމެނެއެވެ. މީގެ އިތުރުން ބޭސް ފިހާރައެއްގެ ޚިދުމަތް ވެސް ލިބިގެންދާނެއެވެ.
ކުޑަކުދިންގެ ކްލިނިކްގެ ޚިދުމަތްތައް
ކުޑަކުދިންގެ ކްލިނިކުން ފަސް އަހަރުން ދަށުގެ ކުދިންގެ ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުމުގެ ޚިދުމަތް ދޭނެއެވެ. އަދި ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއިންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުމުގެ އިތުރުން، އުމުރުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ޚިދުމަތް ވެސް ދޭނެއެވެ. ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުމާއި އިޚްތިޔާރީ ވެކްސިން ޖަހައިދިނުމުގެ ޚިދުމަތް ވެސް މި ކްލިނިކުން ލިބިގެންދާނެއެވެ.
ވެލްނެސް ކްލިނިކްގެ ޚިދުމަތްތައް
ވެލްނެސް ކްލިނިކްގެ ދަށުން ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ޚިދުމަތާއި، ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން، ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގެ ޚިދުމަތް އަދި ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުން ހިމެނެއެވެ.
އައިޖީއެމްއެޗަށް އޮންނަ ކިއު ކުޑަކުރުމަށް ސަރުކާރުގެ ވިސްނުމަކީ މާލޭގެ އެކި ހިސާބުތަކުގައި ޖީޕީ ކްލިނިކްތައް ހެދުމެވެ. ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.




