ޒުވާނުންނަށް ޚާއްސަކޮށްގެން ސަރުކާރުން ޤާއިމުކުރި ޔޫތު ތާރޑް ސްޕޭސް، (ޔޫތު ހަބް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ޒުވާނުންގެ ހުނަރުތައް ތަރައްޤީކޮށް، ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން ޤާއިމުކުރި މި މަރުކަޒަކީ، ޒުވާނުންނަށް ބޭނުންވާ އެކި ކަހަލަ ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަނެކެވެ.
”ޔޫތު ހަބް“ގެ ނަމުގައި ހުޅުވި މި ތާރޑް ސްޕޭސް ޤާއިމުކޮށްފައިވަނީ ލިލީމަގުގައި ހުންނަ، މުލިއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުން ދިޔަ އިމާރާތާއި ގޯތީގައެވެ.
މިތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ޒުވާނުން ބަރުވެރިކުރުވުމާއި، ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ދައުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިތަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިތަނުގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކާއި މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ޔޫތު ހަބް ޤާއިމުކުރުމަށް ރައީސް ނިންމެވީ 18 ނޮވެންބަރު 2024 ގައެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް މުލިއާގެ ގަރާޖު ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކުގެ ތެރެއިން، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުންނެވެ.
ޔޫތު މިނިސްޓްރީން ބުނިގޮތުގައި، ”ޔޫތު“ ފަރުމާކޮށްފައިވަނީ ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރާވައި، ދުޅަހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ މާހައުލެއް ޤާއިމުކުރުމަށެވެ.

މީގެ އިތުރުން، ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ހިދުމަތް އެއް ފުރާޅެއްގެ ދަށުން ޒުވާނުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
މިތަނުގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކުގެ ތެރޭގައި ކްލޭ ސްޓޫޑިއޯ ސްޓޯލް، އޯގާ ސްޓޯލް، އާޓް އެގްޒިބިޝަން ސްޓޯލް، ލައިވް އާޓް ސްޓޯލް، ކަސަބު ސްޓޯލް، އާޓްވޯކް ސްޓޯލް، މޫރަލް ސްޓޯލް، އެންދެރި ޖުވެލަރީ ސްޓޯލް، ކެލިގްރަފީ ސްޓޯލް، މެކް-މާމަ ކްރާފްޓް ސްޓޯލް، ޖުވެލަރީ ސްޓޯލް އަދި އޭ.އައި އެންޑް ރޮބޮޓިކްސް ސްޓޯލް ހިމެނެއެވެ.

މިފަދަ ތަންތަނަކީ، ޒުވާނުންގެ އީޖާދީ ވިސްނުން ހަޤީގަތަކަށް ހަދައި، ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެއްކަމުގައި ރައީސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މި ތަނުގައި ކުރިއަށް ގެންދެވުމަށް ހުށަހަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ.

މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްވެސް މިތަނުގައި ބައެއް ހަމަޖެއްސުމަށް ވަނީ ރާވާފައެވެ.




