ރާއްޖޭގެ ކޮންމެ ކުއްޖަކަށްވެސް ރައްކާތެރި، އަބުރުވެރި އަދި ފުރުސަތުތައް ފަހިވެފައިވާ މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމަށް އެކުގައި މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ކޮންމެ ކުއްޖަކަށް ރައްކާތެރި އަދި އަބުރުވެރިކަމާއި ފުރުސަތުތައް ފަހިވެފައިވާ މާދަމާއެއް ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ޔަގީންކަން ދެއްވާކަމަށެވެ.
”އަޅުގަނޑުމެންގެ ދަރިންނަކީ ޤައުމުގެ ހިތް އަދި އުއްމީދު.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، ކުޑަކުދިންނަކީ ރާއްޖޭގެ ފާގަތި މުސްތަޤުބަލުގެ ބިންގާއެވެ. އެހެންކަމުން އެކުދިންގެ ހެދިބޮޑުވުމާއި ކުރިއެރުމަށް މަސައްކަތްކުރުމަކީ އެންމެންގެ ވެސް ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.
މިދުވަސް އދ.އިން ފާހަގަކުރަމުންދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަނގުރާމައިގެ ޙާލުގައި އަދި ހަނުޖެހުންތަކުގައި ދިރިއުޅެމުންދާ ކުދިންނާއި ކުޑަކުއްޖަކަށް ލިބިދޭންޖެހޭ ޙައްގުތަކުން މަޙުރޫމްވެފައިވާ ކުދިންގެ ޙައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީގޮތުން އަޑުއުފުލާ ރައްޔިތުން ހޭލުންތެރިކުރުވުމަށެވެ.



