ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރް، އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފިއެވެ.
ސޯނަމް މިކަން އިއުލާންކުރީ، އިއްޔެ އޭނާގެ އިންސްޓަގްރާމްގައި ބަލިވެއިންކަން ދައްކުވައިދޭ ފޮޓޯތަކެއް ޕޯސްޓްކޮށް، އެ ފޮޓޯތަކުގެ ކެޕްޝަނަކަށް ”މަދާ“ޖަހައިގެންނެވެ.
ސޯނަމް ދެވަނަ ދަރިއަކަށް ބަލިވެއިން ވާހަކަ މީޑިއާތަކުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެ ދުވަސްވަރު ސޯނަމް މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.
ސޯނަމް އާއި ވިޔަފާރިވެރިޔާ އާނަންދު އަޖޫހާގެ ދޮށީ ދަރިފުޅު ވަޔޫ އަށް މިހާރު 3 އަހަރެވެ. އެ ދެ މީހުން ކައިވެނިކުރީ 2018 ގައެވެ.
ސޯނަމަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ކައިވެންޏަށް ފަހު، ސޯނަމް ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުގައި އުޅޭ އިރު، ސޯނަމް ފިރިމީހާއާ އެކު ދިރިއުޅެނީ އިނގިރޭސިވިލާތުގައެވެ.
ސޯނަމްގެ އެންމެ ފަހުގެ ފިލްމަކީ 2021 ވަނަ އަހަރު މަސައްކަތް ނިންމައި، 2023 ގައި ގެނެސްދިން ކްރައިމް ތުރިލާ ”ބްލައިންޑް“ އެވެ.



